
ތައާރަފް
އަހްމަދު އުޝާމަކީ މާލެއަށް ނިސްބަތްވާ ބައްޕައަކާއި ތ. ތިމަރަފުއްޓަށް ނިސްބަތްވާ މަންމައަކަށް ލިބުނު 6 ދަރިންގެ ތެރެއިން ދެވަނަ އަށް އެންމެ ދޮށީ ދަރިފުޅެވެ. އެންމެ ޅައިރުގެ ހަޔާތް މާލޭގައި ހޭދަކުރުމަށް ފަހު، ވިލިމާލެެއަށް ދިރިއުޅުން ބަދަލުކުރީ އުމުރުން 17 ވަރަކަށް އަހަރުގައެވެ. މަޖީދިއްޔާ ސްކޫލުން އޯލެވެލް ފުރިހަމަކުރުމަށް ފަހު މަތީ ތައުލީމު ހާސިލްކޮށްފައިވަނީ މެލޭޝިއާ އަދި އިނގިރޭސިވިލާތުންނެވެ. މިގޮތުން މެލޭޝިއާގައި ގާނޫނީ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށް، އިނގިރޭސިވިލާތުގައި ވަނީ ހަމަ އެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައެވެ.
ތަޢުލީމް
- އޯ-ލެވެލް - މަޖީދިއްޔާ ސްކޫލް
- އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއިން ޑިޕްލޮމާ - އިނގިރޭސިވިލާތުގެ ލަންޑަން ކޮލެޖް ޔުނިވަރސިޓީ
- ގާނޫނީ ދާއިރާއިން ޑިޕްލޮމާ - މެލޭޝިޔާގެ ހެލްޕް ޔުނިވަރސިޓީ ކޮލެޖް
- ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ - އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލަންޑް އެޓް ބްރިސްޓަލް

ތަޖުރިބާ
އުޝާމަކީ އުމުރުން 16 އަހަރުގައި މަސައްކަތުގެ މައިދާނަށް ނިކުތީއްސުރެ، ދިވެހިރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރަމުންދިޔަ ދުވަސްވަރު ފިޔަވައި އެހެން ހުރިހާ ދުވަސްވަރެއްގައި ވެސް ކޮންމެވެސް ވަޒީފާއެއް އަދާކުރަމުން އައިސްފައިވާ މީހެކެވެ. މަޖީދިއްޔާ ސްކޫލުން އޯލެވެލް ނިންމުމަށް ފަހު އެންމެ ފުރަތަމަ ވަޒީފާ އަދާކުރަން ފެށީ ލިލީ ސްޓޯރުގައެވެ. އެއަށްފަހު އެއަރ މޯލްޑިވްސް، ދިރާގު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިވެސް އުޝާމް ހިދުމަތްކޮށްފައިވެއެވެ. އިނގިރޭސިވިލާތުގައި ގާނޫނީ ދާއިރާއިން 2009 ވަނަ އަހަރު ޑިގްރީ ހާސިލްކުރުމަށް ފަހު، އުޝާމް މަސައްކަތްކުރަމުން އައިސްފައިވަނީ އެ ދާއިރާގައެވެ. މިގޮތުން 2009 ވަނަ އަހަރުގެ ޖުލައިމަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހާ ހަމައަށް އުޝާމް ހިދުމަތްކޮށްފައިވަނީ އެޓާރނީ ޖެނެރަލްގެ އޮފީހުގައެވެ. އެ އޮފީހުގައި ޑެޕިއުޓީ ސްޓޭޓް އެޓާރނީގެ މަގާމާއި ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްގެ މަގާމު އަދާކުރުމަށް ފަހު 2013 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މި އަހަރު އެ އޮފީހުން ވަކިވުމާ ހަމައަށް އުޝާމް ހިދުމަތްކޮށްފައިވަނީ ޑެޕިއުޓީ އެޓާރނީ ޖެނެރަލްގެ މަގާމުގައެވެ.
މީގެ އިތުރުން، އުޝާމަކީ އަމިއްލަ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށް، އިޖްތިމާއީ ގިނަ ހަރަކާތްތަކެއްގައި ވެސް ބައިވެރިވަމުން އަންނަ މީހެކެވެ. ވިލިމާލޭ ޒުވާނުންގެ އެންމެ އިސް ޖަމިއްޔާތަކުގެ ތެރެއިން ވިޔަންސާ އާއި ވިލިމާލޭ ޔުނައިޓެޑް އުފެއްދުމުގައި އަދި އެ ދެ ޖަމްއިއްޔާގެ ހަރަކާތްތަކުގައި އުޝާމް ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މި ދެ ޖަމްއިއްޔާގެ ތެރެއިނ އަދި އަމިއްލަ ގޮތުން ވެސް ވިލިމާލޭ ޒުވާނުންގެ ތަރައްގީއަށާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް އޭނާ ކޮށްފައިވެއެވެ. ވިލިމާލޭގެ ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަކުގެ އެންމެ އިސް ސަފުގައި ވޭތުވެދިޔަ 16 ވަރަކަށް އަހަރު އުޝާމް ވަނީ ހަރަކާތްތެރިވެފައެވެ.
އުޝާމްގެ އާއިލާ އާއި ރަހުމަތްތެރިންގެ އިތުރުން އޭނާ އާއެކު މަސައްކަތްކޮށްފައިވާ ގިނަ މީހުން ދެކޭގޮތުގައި އޭނާ އަކީ އެކުވެރި، ހިތްހެޔޮ، އެހެން މީހުންގެ އިހުސާސްތައް ދަންނަ މީހެކެވެ. މީހުންނަށް އެހީތެރިވެދޭ، އަދި މުޖުތަމައަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކޮށްދޭ މީހެކެވެ. ވަޒީފާގެ ގޮތުން ކިތަންމެ މަތީ މަގާމެއްގައި ހުއްޓަސް، ވަކި ގިންތިއެއް ފަންތިއެއް ތަފާތުކުރުމެއް ނެތި، ކޮންމެ މީހަކާއެކު ވެސް ގާތް ރަހުމަތްތެރި ގުޅުމެއް އުޝާމް އަބަދުވެސް ބާއްވައެވެ. ކަމަކު އެދިގެން އުޝާމް ގާތަށް އައި މީހަކަށް މިހާތަނަށް ފުރަގަސްދީފައިނުވާކަން ގިނަ ބަޔަކު ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ. އަދި ހާއްސަގޮތެއްގައި ވިލިމާލޭގެ ރައްޔިތުންނާ މެދު ބާއްވާ ގާތް ގުޅުން ގިނަ ބަޔަކު ފާހަގަކުރެއެވެ. އޭނާ އަކީ ވިލިމާލޭ ރައްޔިތުންގެ ލޯބި ހޯދާފައިވާ، ވިލިމާލޭ ދަރިއެކެވެ.
